فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٖ مِّنۡهُمۡ فَٱسۡتَـٔۡذَنُوكَ لِلۡخُرُوجِ فَقُل لَّن تَخۡرُجُواْ مَعِيَ أَبَدٗا وَلَن تُقَٰتِلُواْ مَعِيَ عَدُوًّاۖ إِنَّكُمۡ رَضِيتُم بِٱلۡقُعُودِ أَوَّلَ مَرَّةٖ فَٱقۡعُدُواْ مَعَ ٱلۡخَٰلِفِينَ
އެއުރެންގެ ތެރެއިން، ބަޔެއްގެ ގާތަށް اللَّه، ކަލޭގެފާނު އަނބުރާ ފޮނުއްވައިފިނަމަ، އަދި އެއުރެން (ހަނގުރާމަޔަށް) ނުކުތުމަށް إذن އަށް އެދި ކަލޭގެފާނަށް ދަންނަވައިފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ދުވަހަކުވެސް ތިޔަބައިމީހުން، ތިމަންކަލޭގެފާނާ އެކުގައި (ހަނގުރާމަޔަށް) ނުކުމެގެން ނުވާނެއެވެ. އަދި ތިމަންކަލޭގެފާނާ އެކުގައި، ތިޔަބައިމީހުން دشمن އަކާ ހަނގުރާމަކޮށްގެން ނުވާނެއެވެ. ހަމަކަށަވަރުން، ފުރަތަމަ ފަހަރުވެސް (ހަނގުރާމަޔަށް ނުގޮސް) ތިބުމަށް، ތިޔަބައިމީހުން ރުހުނީމުއެވެ. ދެންވެސް (ހަނގުރާމަޔަށް ނުގޮސް) ފަސްޖެހިތިބޭ މީހުންނާއެކު ތިޔަބައިމީހުން ތިބޭށެވެ!
وَلَا تُصَلِّ عَلَىٰٓ أَحَدٖ مِّنۡهُم مَّاتَ أَبَدٗا وَلَا تَقُمۡ عَلَىٰ قَبۡرِهِۦٓۖ إِنَّهُمۡ كَفَرُواْ بِٱللَّهِ وَرَسُولِهِۦ وَمَاتُواْ وَهُمۡ فَٰسِقُونَ
އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވޫއެވެ. އަދި އެއުރެން މަރުވީ، فاسق ން ކަމުގައިވާ حال ގައެވެ.
وَلَا تُعۡجِبۡكَ أَمۡوَٰلُهُمۡ وَأَوۡلَٰدُهُمۡۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِي ٱلدُّنۡيَا وَتَزۡهَقَ أَنفُسُهُمۡ وَهُمۡ كَٰفِرُونَ
އަދި އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، އެތަކެތީގެ ސަބަބުން، އެއުރެންނަށް، ދުނިޔޭގައި عذاب ދެއްވުމަށެވެ. އަދި އެއުރެންނީ كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަތައް ނިކުމެގެން ދިއުމަށެވެ.